Thursday, November 5
ހިލޭ ދިން ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ : ފަލާހް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލެ ސަރަހައްދުން ހިލޭ ގޯތި ދިން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި އެ ގޯތިތައް ދައުލަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ފަލާހު މި ވާހަކަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާއެއްގައެވެ. އޭނާ ވިދާޅުވީ މިއީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އޭނާގެ ޝުއޫރު ހާމަކޮށްލެއްވުން ކަމަށާއި، މިއީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި، ހިލޭ ދީފައިވާ އެ ބިންތައް ދައުލަތަށް އަނބުރާ ނަގަން ޖެހޭނެއެވެ. އެގޮތުން، އެ ބިންތަކުގައި ވަށާފާރެއް ނުވަތަ ގޯއްޗެއް ރާނާފައި ހުރި ނަމަ، އެ މަސައްކަތުގެ ބަދަލު ދިނުމަށް ފަހު، ހުރިހާ އެއްޗެއް ދައުލަތަށް ނަގަން ޖެހޭ ކަމަށް އޭނާ ހުށަހެޅުއްވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ރައްޔިތުންގެ 99 ޕަސެންޓް މީހުން މި ނިންމުމަށް ތާއީދު ކުރާނެއެވެ. ސަބަބަކީ އެއީ އެހާ ބޭއިންސާފުން ކޮށްފައި އޮތް ކަމެއް ކަމަށް ވާތީއެވެ.

މި ނިންމުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ފަލާހު ސިފަކުރެއްވީ، އެއް ބަޔަކަށް ފްލެޓް ދެނީ ފައިސާ ދައްކާ ގޮތަށް ކަމަށް ވާއިރު، އަނެއް ބަޔަކަށް 1200 އަކަފޫޓުގެ ބިން ހިލޭ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިއަން ރުފިޔާ ޖެހޭނެއެވެ. ނަމަވެސް ފްލެޓް ލިބޭ މީހުން 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. މި ތަފާތުތައް ފާހަގަކުރައްވައި ފަލާހު ވަނީ، ކޮށްފައި ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނެގުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

10 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ

ފަލާހު ވިދާޅުވީ މި ގޮތަށް ހިލޭ ދިން ގޯތިތައް ދައުލަތަށް އަނބުރާ ނަގައިފި ނަމަ، ދައުލަތަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. "އަޅުގަނޑު އަދިވެސް ސަރުކާރުގައި ހަމަ އެދެމޭ އެ ގޯތިތަކުގެ، ކޮށްފައި ހުރި މަސައްކަތެއް ހުރިއްޔާ އޭގެ ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން. އޭރަަށް ދައުލަތަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިއަން ރުފިޔާ އެ ސަލާމަތް ކުރެވެނީ،" ފަލާހު ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމުގެ ނިންމުމާ މެދު ކުރީގެ ސަރުކާރުގައި ވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވިއެވެ. އޭގެ ތެރޭގައި އޭރު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހިމެނެއެވެ. ސިރާޖު ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައި، ހިޔާ ފްލެޓްތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށާއި، އެއާ ހިލާފަށް ބިން ހިލޭ ދިނުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ސިރާޖު ފާހަގަކުރެއްވި ގޮތުގައި، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ މީހުންނަށް ހާއްސަކޮށް ވިއްކި 60 ބިމުގެ އަކަފޫޓެއްގެ އަގު 7000ރ. އިން މަތީގައި ހުރި ނަމަވެސް، އެ ގޯތިތަކަށް ވެސް މާލޭ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތެވެ. އެހެންކަމުން، ދައުލަތުގެ ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ބިން ހިލޭ ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އޭނާގެ ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު