Thursday, November 5
ރިސޯޓާއި އެކު ކާށިދޫގައި ސީޕްލޭން ހިދުމަތްވެސް ލިބޭނެ : ރައީސް

ކ. ކާށިދޫ ފަޅުގައި ހަދަން ނިންމާފައިވާ ރިސޯޓާ އެކު، އެ ރަށުގައި ސީޕްލޭން ޝެޑިއުލް އޮޕަރޭޝަންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ކާށިދޫގެ އިގްތިސާދީ ތަރައްގީ އާއި ވަޒީފާގެ ފުރުސަތުތަކަށް މުހިންމު މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، އިންވެސްޓަރުން ޝައުގުވެރިވާނެ ގޮތަށް އިތުރު ލުއިތަކަކާ އެކު ރިސޯޓު ހެދުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

ކާށިދޫގެ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ހެދުމަށް ކަނޑައަޅައި، އެ ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރަތަމަ ބުރުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، "ފުރަތަމަ އިއުލާންކުރި މަރުހަލާގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރުމުން އެކަން ނުވެފައި އޮތީ. އެހެންވެ މި ރަށަށް ހާއްސަކޮށް ބޮޑެތި ލުއިތަކަކާ އެކު އަލުން ހުޅުވާލައިފިން،" މި ލުއިތަކާ އެކު ފަޅުތެރޭގައި ރިސޯޓު ހަދަން އިންވެސްޓަރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދެހާހަށް ވުރެ ބޮޑު އާމާދީއެއް އޮންނަ ކާށިދޫ ކައިރިން ވަޒީފާގެ ފުރުސަތުތައް ލިބުމަކީ ޒަރޫރީ ކަމެކެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރިސޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، ކާށިދޫގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން، ކާށިދޫގައި ވެސް އާރުޓީއެލް ފެރީގެ ނިޒާމު ގާއިމުކުރާނެ ކަމަށާއި، ވައިގެ މަގުން ވެސް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ސީޕްލޭންގެ ޝެޑިއުލް އޮޕަރޭޝަންތައް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ސީޕްލޭން ޝެޑިއުލް ދަތުރުތައް ކުރުން ކަމަށާއި، އެހެންވެ، ސީޕްލޭންގެ ހިދުމަތް އޮޕަރޭޓްކުރާ ދެ ކުންފުންޏަށް ވެސް ދާއިމީ ގޮތެއްގައި އެ މަސައްކަތް ކުރެވޭނެ ގޮތަކަށް އެކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ސީޕްލޭންގެ ޝެޑިއުލް ދަތުރުތަކެއް މި ރަށުގައި ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތު. ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރުމަށް ޕްލެޓްފޯމެއް ގާއިމުކޮށް، އެކަން ކުރަން ބަލާއިރުގައި މި ދެންނެވިހެން ޓޫރިޒަމް ވަރަށް މުހިއްމުވޭ،" ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ރިސޯޓު ހަދާނެ ފަރާތެއް ހޯދުމާ އެކު ދާއިމީ ގޮތެއްގައި ކާށިދޫގައި ސީޕްލޭން އޮޕަރޭޝަން ވެސް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަންކަން ހާސިލުވުމުން ރަށުގެ ވިޔަފާރިތަކަށް ވެސް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ކާށިދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު