އައްޑޫގައި ނެގުމަށް ނިންމާފައިވާ ފެންނަނުފެންނަ ވޯޓާއި ގުޅިގެން އެކިގޮތްގޮތަށް މިދަނީ ވާހަކަ ދެކެވެމުންނެވެ. ބައެއް ފަރާތްތަކުން އައްޑޫ ބައިބައިކޮށްލަން އުޅޭކަމުގެ ތުހުމަތު ސަރުކާރަށް ކުރަމުންދާއިރު، އަނެއްބަޔަކު ދަނީ ވަކި ކައުންސިލްތަކެއް އުފެއްދުމަށް ތާއިދުކޮށް އެކަމަށް ވަކާލާތުކުރަމުންނެވެ.
މި ބަހުސްތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މައުޟޫއަކީ ރަށު ކައުންސިލަށް ވުރެ ދަރަޖައިގެ ގޮތުން މަތީ ސިޓީ ކައުންސިލް ތޯ ކުރެވޭ ސުވާލެވެ. ނުވަތަ ސިޓީކައުންސިލެއްގެ ދަށުން ވަކިވެގެން ރަށު ކައުންސިލް އުފެއްދުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ބުނެ ދެކެވޭ ވާހަކައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ރަށްތައް ލާމަރްކަޒުކޮށް ހިންގުމަށް އެކަށައެޅިފައިވާ ނިޒާމުގައި މިކަންއޮތީ ކިހިނެއްތޯ ބަލައިލުން މުހިންމެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނޭއިރު، ބައެއްފަރާތްތަކަށް ވިސްނިފައި އޮންނަނީ ސިޓީ ކައުންސިލްތަކަކީ ރަށު ކައުންސިލްތަކަށްވުރެ "މަތީ" އަދި މާ ބޮޑެތި ބާރުތަކެއް ގާނޫނުން ލިބިގެންވާ ތަންތަން ކަމަށެވެ.
ނަމަވެސް، 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ސިޓީ ކައުންސިލްތަކަކީ ރަށު ކައުންސިލްތަކަށް ވުރެ "މަތީ ކައުންސިލް" ތަކެއް ކަމަށް ދަރަޖަކޮށްފައި ، އަދި އެފަދަގޮތަކަށް މާނަކުރެވިދާނެ ގޮތަކަށްވެސް ކަނޑައަޅާފައި ނުވެއެވެ.
ލާމަރުކަޒީ ޤާނޫނު ވަރަށް ސާފުކޮށް ބަޔާންކުރާ ގޮތުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ އަސާސީ ބާރުތަކަކީ އެއް ފެންވަރެއްގެ ބާރުތަކެކެވެ. މީގެ ތެރޭގައި ކައުންސިލް އިހްތިސާސްތެރޭގައި ހިމެނޭ ބިން ބެލެހެއްޓުމާއި، ރަށްވެހި ހިދުމަތްތައް ދިނުމާއި، ތަފާތު އެކި ވިޔަފާރި ހުއްދަ ދޫކުރުމާއި، އާމްދަނީ ހޯދުމުގެ ބާރު ހިމެނެއެވެ. ހަމައެކަނި "ސިޓީ" މިނަން ލިބުމަކުން އެއްވެސް ކައުންސިލަކަށް އިތުރު ބާރުތަކެއް ނުލިބެއެވެ.
ރާއްޖޭގައި ސިޓީއެއްގެ ގިންތިއަށް ކައުންސިލް އިދާރާއެއް ބަދަލުކުރެވެނީ ވަކި ހާއްސަ ސިފަތަކެއް އެ އިދާރީ ދާއިރާއަކަށް ލިބުމުންނެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅޭނީ، އެންމެ މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮންނަ، އިގްތިސާދީ ގޮތުން ވަކި މިންގަނޑެއްގެ ހަރަކާތްތަކެއް ހިންގާ، ދަތުރުފަތުރާއި، ޔުޓިލިޓީސް، އަދި އިޖުތިމާއީ ހިދުމަތްތައް ފަދަ ކަންކަން ވަކި މިންވަރަކަށް ތަރައްގީވެފައިވާ އޮންނަ ސަރަހައްދުތަކެވެ.
ސިޓީއަކަށް ވަކި ރަށެއް ބަދަލުކުރުމަކީ ހަމައެކަނި އިދާރީ ގޮތުން ކުރެވޭ ގިންތިކުރުމެކެވެ. އެއީ ހައިރާކީގެ ގޮތުން ކުރެވޭ ގިންތިކުރުމެއް ނޫނެވެ. އާބާދީގެ ބޮޑުކުޑަމިނަށް ބަލައި ސިޓީ ކައުންސިލްތަކަށް އާންމުކޮށް ލިބޭ ބަޖެޓު ބޮޑުވެދާނެއެވެ. އަދި މުވައްޒަފުންގެ އަދަދާއި އެހެނިހެން ވަސީލަތްތައްވެސް ގިނަވެދާނެއެވެ. ނަމަވެސް މިއީ ޤާނޫނީ ގޮތުން ލިބިދޭ އިތުރު ބާރެއް ނޫނެވެ. މިއީ އާބާދީގެ މިންވަރުން ހިދުމަތްދިނުމަށް އަންނަ ބަދަލެކެވެ. ހަމަ އެގޮތަށް ރަށު ކައުންސިލްތަކުގައިވެސް އާބާދީއަށް ބަލައި ދެންނެވި ކަންކަން ބޮޑު އާބާދީއެއްނަމަ އެއްގޮތްވާނެއެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ސިޓީ ކައުންސިލްތަކާއި އެހެން ބާވަތްތަކުގެ ކައުންސިލް އިދާރާތަކުގެ އަސާސީ ބާރުތައް އޮންނަނީ މިގޮތަށް ހަމަހަމަކޮށެވެ. މިސާލަކަށް ސްކޭންޑިނޭވިއަން ޤައުމުތަކުގައި ބައެއް ކުދި ރަށްރަށުގެ ކައުންސިލްތަކަށްވެސް ބޮޑެތި ސިޓީތަކުގެ ކައުންސިލްތަކާ އެއްވަރުގެ މިނިވަންކަމާއި ބާރުތައް ލިބިދެއެވެ.
ސިޓީ ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެފައި ހުންނަނީ ގިނަފަހަރު އެތަންތަނުގެ އާބާދީ ބޮޑުވުމާއި ވަސީލަތްތައް ގިނަވުމުގެ ސަބަބުންނެވެ. ނަމަވެސް ރަށު ކައުންސިލްތަކުގައިވެސް އެފަދަ އާބާދީއެއް އޮތްނަމަ ވަސީލަތްތަކާއި އެކު ހަމަ އެފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ޤާނޫނީ ހުރަހެއް ނެތެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ސިޓީ ކައުންސިލްތަކަށް ރަށު ކައުންސިލްތަކަށްވުރެ އިތުރު ބާރުތަކެއް ލިބިދީފައެއް ނުވެއެވެ. ފެންނަން ހުންނަ ތަފާތުތަކަކީ އާބާދީގެ ބޮޑުކުޑަމިނާއި ވަސީލަތްތަކުގެ ތަފާތުން އަންނަ ބަދަލުތަކެވެ. އެހެންކަމުން ރަށު ކައުންސިލްތަކަށްވެސް އެކަށީގެންވާ ވަސީލަތްތައް ލިބިފައިވާނަމަ ފެންނަން ހުރި ތަފާތުތައްވެސް ފާހަގަ ނުކުރެވޭނެއެވެ.