އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށާއި އޮނިގަނޑު ހަރުދަނާކޮށް އިތުރު މޮނީޓަރިން ނިޒާމެއް ގާއިމުކުރާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މި އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން އެ ކުންފުނީގެ މަސައްކަތް ކުރިޔަށްދަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި އޮނިގަނޑު ހަރުދަނާ ކުރުމާއި ސްޓޭކްހޯލްޑަރުންނާ މުއާމަލާތްކުރުމުގެ ނިޒާމު ވަރުގަދަކޮށް ރިޕޯޓްކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރާނެ ކަމަށެވެ.
ނޫސް ބަޔާން: އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ ނަންބަރު SPE-2025-118(D) ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްޞަ އޮޑިޓް ރިޕޯޓާ ގުޅޭ pic.twitter.com/RT28eL4aAY
— Fenaka Corporation Ltd (@TeamFenaka) September 30, 2025
ހަމައެއާއެކު އޮޑިޓުގައި ފާހަގަަކުރެވިފައިވާ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވާކަން ސާބިތުވާ ނުވަތަ ވަޒީފާ އަދާކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެކުންފުނީގެ ބަޔާނުގައިވެއެވެ. އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް މައުލުމާތު ފޯރުކޮށްދީ މައްސަލަތައް ބަލަން އެއްބާރުލުން ދޭނެ ކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.
ފެނަކައިގެ ބަޔާނުގައި ވަނީ މިހާރު އޮތް މެނޭޖްމަންޓުން ކަންކަން ކުރިއަށް ގެންދަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަން ފާހަގަކޮށް އުސޫލުތަކުން ބޭރުން އެއްވެސް ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.






