ޅ. ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ނައިފަރަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފަވާ ރަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްފަވަނީ ނައިފަރުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މިކަމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް… pic.twitter.com/C5ZxsRHbDW
— Ministry of Construction, Housing & Infrastructure (@MoCImv) September 29, 2025
މި މަސައްކަތުގެދަށުން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރުމަށެވެ. އަދި ހިއްކި ބިން ޙިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.
މި މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 679 މިލިއަން ރުފިޔާއަށެވެ.
ނައިފަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގައި 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ކަނޑައަޅާފަވާ ރަށްތަކުގެތެރެއިން 1 ރަށެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުން އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭގޮތަށް ތަރައްޤީކުރާ ސަރަޙައްދީ ރަށްތަކެކެވެ.





