ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމިއްލަ ކުންފުންޏަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ހިންގެވި މުއާމަލާތަކާ ގުޅިގެން ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ސައީދުގެ މައްޗަށް ދައުވާކުރީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އެ މައްސަލާގައި ސައީދުގެ މައްޗަށް ދައުވާކުރީ އޭނާ އެމްޑީގެ މަގާމުގައި ހުންނަވައިގެން 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަސައްކަތް އެ ކުންފުނިން ފުރިހަމަކުރިކަން ޔަގީންނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރިކަމުގެ ތުހުމަތުގައެވެ.
މި މައްސަލާގައި ސައީދުގެ އިތުރުން އެއިރު އެ ކުންފުނީގެ ޕްރޮކިއުމެންޓު ހެޑުގެ ގޮތުގައި ހުންނެވި މަރިިޔަމް ދީނާގެ މައްޗަށް ދައުވާކުރިއެވެ.
މިގޮތަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)ގެ ގެއްލުމެއް ލިބިފައިވާކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އެ މައްސަަލާގައި މިއަދު އޮތް އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މައްސަލާގައި ދައުލަތުން ސައީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަަށެވެ. އަދި އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ވަނީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.
ސައީދުގެ އެމްޑީކަމުގައި ފެނަކައިގެ ތެރެއިން ގިނަ އަދަދެއްގެ ކޮރަޕްޝަން ހިންގާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާއިތުވި ބުރާސްފަތި ދުވަހު އާއްމުކުރި ފެނަކައިގެ ޕްރޮކިއުމެންޓާއި މާލީ ކަންކަމާ ގުޅޭ އޮޑިޓު ރިޕޯޓުން ހާމަވެފައިވެއެވެ.






