Saturday, October 31
ލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ޔުނިވަރސިޓީއަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްދުކުރާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ގެ މިންގަނޑަށް ފެތޭ، އެ އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރުމާއެކު، ކިޔަވާ ޕްރޮގްރާމަކީ އެ އޮތޯރިޓީން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފިއެވެ.

އެމްކިޔުއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއިން ޤަބޫލުކުރާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކާއި، ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން، ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އިން ހުއްދަ ދީފައިވާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައް ކަމަށެވެ.

އެގޮތުން ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔަރ ޑިޕްލޮމާ އިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށް ކަމަށާއި، ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށް ކަމަށް އެމްކިޔުއޭ އިން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާއި ޚިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެގޮތުން ހުއްދަ ދީފައިވާ މިންގަނޑާއި ޚިލާފަށް އެތަންތަނުން ހިންގާ ހަޔަރ ޑިޕްލޮމާ އިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްކިޔުއޭ އިން ބުންޏެވެ.

އެގޮތަށް އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަދީފައި ނުވާކަން ފާހަގަކުރެވިފައިވާތީ، ހުއްދަ ދީފައިވާ މިންގަނޑާއި ޚިލާފަށް އެތަންތަނުން ހިންގާ ޕްރޮގްރާމް ތަކުގެ ސެޓިފިކެޓް އެ އޮތޯރިޓީއިން މީގެފަހުން ޤަބޫލުނުކުރާނެ ކަމަށް އެމްކިޔުއޭ އިން ބުންޏެވެ.

އެހެންކަމުން ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމް.ކިއު.އޭ އިން ދޫކުރަމުން އަންނަ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމުގައި އެ އޮތޯރިޓީން ބުނެފައިވެއެވެ.

"މީގެ އިތުރުން ގަވާއިދު ނަންބަރު 2025/R-89 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން ދެންނެވުނު ކަންކަމަށް ކިޔަވައިދޭ މަރުކަޒުތަކުން ސަމާލުވުމަށް ދަންނަވަން"، އެމްކިޔުއޭ އިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު