ރަށަށް ބިން އިތުރުކުރުމާއި ބަނދަރުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކުރުމަކީ ހަމަ ހަޤީޤަތުގައިވެސް ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ދެ ކަންތައް ކަމަށާ، ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ފ. ބިލެތްދޫގެ ބަނދަރާއި ބިމުގެ ޖާގަ، ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެ، ޔަޤީންކަން ދެއްވާފައި މި ވަނީ، ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ފ. ބިލެތްދޫ ބަނދަރު ސަރަޙައްދުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރައްވާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މަސައްކަތްކޮށް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫޢަކަށް، ބިން ހިއްކުމުގެ މަޝްރޫޢު ވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، ފ. ބިލެތްދޫގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، ހެލްތު ސެންޓަރަށް އިތުރު ކުރެވޭ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.
މި ލިޔުން ކިޔާލުމުން