މިއީ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވި އަހަރުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.
މިރޭ ފެށުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތުގެ ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުން ވާދަކުރާނެއެވެ. މިކަން ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މިއީ ތާރީޚީ ކުރިއެރުމެއްކަމަށެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ޙާފިޡުންނެވެ.
މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.
މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
މި ލިޔުން ކިޔާލުމުން