ހަމަސްދުވަހުތެރޭ ސްކޭމް މައްސަލަތަކުގައި 453 އެކައުންޓް ފްރީޒްކުރިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި 2025 މާރިޗު 17 ގައި ގާއިމުކުރެވުނު އެންޓި-ސްކޭމް ސެންޓަރުން، ހަ މަސްދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާ މި ސެންޓަރުން، އާންމު ރައްޔިތުން ސްކޭމުން ރައްކާތެރިކުރުމަށާއި، ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި މިހާރުވެސް މެދުކެނޑުމެއް ނެތި މި މަސައްކަތްދަނީ ކުރެވެމުންނެވެ.
އެންޓި-ސްކޭމް ސެންޓަރަކީ ސްކޭމްގެ ހުރިހާ މައްސަލަތަކަކާ ދެކޮޅަށް މަސައްކަތްކުރާ މައި މަރުކަޒުގެ ގޮތުގައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ ޑިޕާޓްމަންޓެކެވެ. ހާއްސަ ހޮޓްލައިން ނަންބަރު އަދި އީމެއިލް މެދުވެރިކޮށް މައްސަލަ ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކުރެވި އަދި މައްސަލަތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިކަން ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. މީގެ އިތުރުން ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ގުޅިގެން ކުރެވޭ މި މަސައްކަތުގެ ސަބަބުން، ސްކޭމަރުންނާއި މަނީ މިއުލްގެ ގޮތުގައި ފައިސާ ދައުރުކުރުމުގައި އެހީތެރިވެދޭ ފަރާތްތައް ހޯދައި ދައުވާކުރުމުގެ އިތުރުން، މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކާ ގުޅިގެން ކުރިއަށް ގެންދެވިފައިވެއެވެ.
ފުލުހުންބުނީ އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ސްކޭމާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދިފައެވެ. ސްކޭމްގެ ވައްޓަފާޅި ނުވަތަ ސްކޭމަރުން ގެންގުޅޭ އުކުޅުތައް އަބަދުވެސް ބަދަލުވަމުންދާކަން ދެނެގަނެ، ޒަމާނާ ގުޅިގެން އުފަންވަމުން އަންނަ ކަންކަމަށް ވިސްނުންތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
މުހިންމު ތަފާސްހިސާބު
ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލައެވެ. އެގޮތުން އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މީގެ ތެރެއިން -/2،515،484.13ރ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން ވަނީ އަނބުރާ ހޯދާފައެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނެއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާއިރު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވެއެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވެއެވެ.
މި ލިޔުން ކިޔާލުމުން