އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ސަޢީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވޯކްޝޮޕް ކުރިޔަށްދާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށާއި، މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތަކެވެ.
މި ލިޔުން ކިޔާލުމުން