ނިމުނު އޮގަސްޓު މަހު މީރާއިން 2.12 ބިލިޔަން ރުފިޔާގެ އާމްދަނިއެއް ލިބިފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ބަލައިގަނެފައިވާ އާމްދަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.9 އިންސައްތަ އިތުރުވެފައެވެ. އަދި މިއީ އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށްވުރެ 3.1 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މިއަހަރު އެ އިދާރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ނުވަތަ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕަރޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އައި ފަތުރުވެރިންގެ އަދަދު %11.5 އިތުރުވެފައިވާތީއެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކްސް ބޮޑުވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުވުމަކީވެސް މިއަހަރުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.
މީރާއިން ވިދާޅުވިގޮތުގައި ނިމުނު އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ލިބުނީ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ޓީޖީއެސްޓީ އާއި ގްރީންޓެކްސް އާމްދަނީ އިތުރުވުމެވެ. އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މިއަހަރުގެ އޮގަސްޓު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން، ޖީއެސްޓިގެ ގޮތުގައި 1.16 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މިދިޔަ މަހު ވަނީ ލިބިފައެވެ.
މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުން 240.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 191.2 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިޔަން ރުފިޔާ، ޑިޕަރޗަރ ޓެކްސްގެ ގޮތުގައި 162.5 މިލިޔަން ރުފިޔާ އަދި ވަރކް ޕާމިޓް ފީގެ ގޮތުގައި 63.6 މިލިޔަން ރުފިޔާގެ އާމްދަނީއެއް މީރާއިން ވަނީ ބަލަައިގެންފައެވެ.
މީރާއިން މިދިޔަ އޮގަސްޓް މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 89.04 މިލިޔަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މި ލިޔުން ކިޔާލުމުން