Tuesday, November 3
އާއްމުކޮށް ބޭނުންކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ އިން ވިއްކަން ނިންމައިފި
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުން މިއަދު ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވީ، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި، އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމަވާފައިވާ ކަމަށެވެ. މިއީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނިގެން މިއަދު ނިންމެވި ނިންމެވުމެކެވެ.

އެސްޓީއޯއިން މިއަދު ވަނީ އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް ވިއްކަން ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން ވެސް އާއްމުކޮށް ބޭނުން ކުރާ ބައެއް ބާވަތްތަކުގެ އަގު ބޮޑުވުމުން އެސްޓީއޯއިން އެތަކެތި ގަނޑުކޮށް ގެނެސް އަގު ހެޔޮ ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މިފަހުން މާލޭގެ ބާޒާރުގައި ކާށީގެ އަގު އުފުލުމުން އެސްޓީއޯއިން ވަނީ ގަނޑުކޮށް ބޭރުން ކާށި އެތެރެކޮށް ވިއްކަން ފެށިއެވެ.

ހަމައެހެންމެ ހުރިހާ ސަރުކާރެއްގައި ވެސް ރޯދަ މަހު, ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް, އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ގެނެސް ވިއްކުމަކީ ކުރާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު