މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު 88.8% އިތުރުވެއްޖެއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން 52،763 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ. މިއީ 88.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 27،950 މެޓްރިކްޓަނުގެ މަހެވެ.
ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންވީމާ މިއީ %106.2 އިތުރުވުމެކެވެ.
މީގެއިތުރުން ކަނޑުމަސް ނުހިމަނާ ފިނިކުރި ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކްޓަނުގެ މަސް މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. މިއީ 10% އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ޕްރޮސެސްކޮށްގެން 895 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 572 މެޓްރިކްޓަނުގެ މަހެވެ. މިއީ %65 އިތުރުވުމެކެވެ.
ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދަޅުގައި ބަންދުކޮށްގެން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3752 މެޓްރިކްޓަނުގެ މަހެވެ. އެހެންވީމާ މިއީ މިދިޔަ އަރަހާ އަޅާބަލާއިރު 5.8% ގެ ދަށްވުމެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ފައިދާ ކުރާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ރައްކާކުރާ ކާރުހާނާ ތަކާއި މަސް ޕްރޮސެސް ކުރާ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.
މި ލިޔުން ކިޔާލުމުން