Tuesday, November 3
ގިނަ މެމްބަރުން މާލީ ބަޔާން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން މާލީ ބަޔާން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން މަޖިލިސް ވެބްސައިޓަށް މިއަދު ވަނީ އަރުވަން ފަށައިފައެވެ.

މިހާތަނަށް ގިނަ މެމްބަރުން މާލީ ބަޔާން ހުށަހަޅާފައިވާއިރު، ބައެއް މެމްބަރުންނަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވެއެވެ. އަދި ބައެއް މެމްބަރުންގެ އެކައުންޓްގައި ވަރަށް މަދު ފައިސާ ހުއްޓެވެ.

މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް ގަވާއިދުގައި ބުނެފައިވާއިރު، މިހާރު އޮތް 20 ވަނަ ރައްޔިރުންގެ މަޖިލީހުން ގަވާއިދަށް ގެނައި ބަދަލުގައި، މެންބަރު ހުވައިކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަސްފަހުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށްވަނީ ހަދައިފައެވެ.

އެއީ ހިނގަމުންދާ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަހަށެވެ.

މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ، މާލީ ބަޔާން، އަނބިން/ ފިރިން އަދި 18 އަހަރު ނުފުރޭ ދަރީންވެސް ހިމެނޭ ގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރީން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މަޖިލިސް ވެބްސައިޓުން ދައްކާގޮތުގައި، 93 މެންބަރުން ހިމެނޭ މަޖިލީހުގެ ހަތް މެންބަރުން ފިޔަވައި ހުރިހާ މެންބަރުންގެ މާލީ ބަޔާން މިއަދު 11:45 އާ ހަމައަށް ވަނީ އަޕްލޯޑް ކޮށްފައެވެ.

މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު