މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީގައި އިހްތިޖާޖު ކުރަމުން ދިޔަ ނޫސްވެރިންނާއި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ، އިބްރާހީމް ޚަލީލް އަދި މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހީމް ވަހީދު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްޔެ އެ ބިލު ބަލައިގަތީ ނޫސްވެރިން އިހުތިޖާޖުކޮށް، އެ ބިލު މަޖިލީހުން ބޭރުކުރަން ގޮވާލައި އަޑުއުފުލަމުން ދަނިކޮށެވެ. މިނިސްޓަރ ޚަލީލް އާއި އަސްވާޑު ނޫސްވެރިންނާ ނުރަސްމީކޮށް މިއަދު ބައްދަލުކުރެއްވީ ރައީސް އޮފީހުގެ ބޭރުގައި ހުންނަ މި ސަރުކާރުން ހެދި "މީޑިއާ ފެންޑާ"ގެ އެވެ.
ޚަލީލް އާއި އަސްވާޑު އެތަނަށް ވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ބިލުގައި ހުރި ނޫސްވެރިން ކަންބޮޑުވާ ވަކިވަކި މާއްދާތަކާ ގުޅޭ ގޮތުން ވާހަކަދައްކާ ސުވާލުކޮށްފައެވެ.
އެ ބިލާއި ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ދެ ބޭފުޅުން ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭނެ އެއްވެސް ކަމަކަށް ސަރުކާރުން ތައީދު ނުކުރާނެ ކަމަށެވެ.
އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ހާމަކޮށްފަ އެވެ. އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.
ރައީސުލްޖުމުހޫރިއްޔާ ވަނީ ޕީއެންސީ މެމްބަރުންނަށް މި ބިލުގައި ރައީސްއަށް ކޮންޓްރޯލް ލިބޭގޮތަށް އޮންނަ ކަންކަން އިސްލާޙްކުރުމަށް އަންގާފައެވެ. އޭގެ ތެރޭގައި ރައީސް އައްޔަން ކުރާ މެމްބަރެއް ހުންނަން ބޭނުންނުވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން