ހދ. ނައިވާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި ބިންހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ކުރައްވާ ދަތުރުފުޅުގައި ހެނދުނު ނައިވާދުއަށް ވަޑައިގެން އެ ރަށު ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހްމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ހަތް ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 619 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއ،ި 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި މަޝްރޫއަކީ 82.64 މިލިއަން ރުފިޔާ އަށް، 300 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ ރަށަށް ވީ އެންމެ މުހިންމު ވައުދަކީ ގޮނޑުދޮށް ހިމާޔަތްކޮށް، ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށާއި، މިއަދު އެމްޓީސީސީއާ މި ހަވާލުކުރި މަޝްރޫއަކީ ގެދޮރު ބިނާކުރުން ފަދަ ބޭނުންތަކަށް ބިން އިތުރުކުރެވިގެން ދާނެ މަޝްރޫއެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން