މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސްސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަހާސް) ދިވެހި ރުފިޔާއެވެ.
ސީއެސްސީން ވަނީ ޗީފް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތައް އޮގަސްޓު 26 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް އެދިފައެވެ. ސީއެސްސީން ބުނީ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ކަމަށެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރީ މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.
މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ. މި ބަދަލު ގެނެސްފައިވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.





