ބ.ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ބ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ.
ބ.ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށްޓަކައި 44.70 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުންވަނީ 2023 ވަނަ އަހަރު ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައެވެ.
އެހެންނަމަވެސް އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވެގެންދިޔުމުން އެއެއްބަސްވުން ބާތިލުކުރުމަށްފަހު އަލުން މިމަޝްރޫޢުގެ މަސައްކަތް މިހާރުވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ.
ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައިވަނީ ތުޅާދޫ އެއަރޕޯޓު މަޝްރޫޢުގެ ފައިސާގެ ކަންކަން ހަމަޖެއްސުމަށް ވަގުތުކޮޅެއް ނެގިނަމަވެސް އެމަސައްކަތް ހުއްޓުމެއް ނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ތުޅާދޫގައި ތަރައްޤީކުރަނީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއަރޕޯޓެކެވެ. މި މަސައްކަތަށް 55.4 ހެކްޓަރުގެ ބިން ހިއްކައި، 2804 މީޓަރުގެ ހިލަ ރިވެޓްމެންޓަކާއި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާނެކަމަށް އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ލިޔުން ކިޔާލުމުން