ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އެ ބިލު ހުށަހަޅާފައިވަނީ، ތެލެސީމިއާ އެންޑް ހީމޮގްލޯބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކާއި ޒިންްމާތައް ތަމްސީލުކުރުމަށާއި ތެލެސިމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށެވެ.
މި ބިލުގައި ހުށަހަޅާފައިވާ އެންމެ މުހިއްމު އިސްލާހަކީ "ތެލެސީމިއާ ކުދިން ލިިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުން" ނަމުގައި އެ ގާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ އިސްލާހެވެ. އެ އިސްލާހުގައި ވަނީ، ރާއްޖޭގައި ކައިވެނިކުރަން އެދޭ ދެ ފަރާތުުން ކައިވެނިކުރުމުގެ ހުއްދައަށް އެދި ރެޖިސްޓްރާއަށް ހުށަހަޅަން ޖެހޭނީ ތެލެސީމިއާ އަށް ޓެސްޓުކުރުމަށްފަހު އެ ޓެސްޓުގެ ނަތީޖާއަށްފަހު ކަމަށެވެ.
އެ ނަތީޖާއަށް ބަލައި އެ ދެ ފަރާތަކީ ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކަމަށްވާނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ، އިސްލާހު ގައިވާގޮތުން "ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު" އެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ ފަރާތްތަކާއި އެ ޕްރޮގްރާމްގައި އެކުލެވެންޖެހޭ ބައިތައް އެ ގަވާއިދުގައި ހިމަނަން ޖެހޭނެ ކަމަށްވެއެވެ.
މި ބިލު ދިރާސާ ކުރުމަށްފަހު އިޖުތިމާއީ ކޮމިޓީން ވަނީ ބައެއް ކުދި އިސްލާހުތައް ބިލަށް ގެނަސްފައެވެ. އެ ކޮމިޓީން ބިލަށް ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
ތެލެސީމިއާ އެންޑް ހީމޮގްލޯބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ ޒިންމާތައް ހިމަނައި އެ ގާނޫނަށް ވަނީ އާ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅައިފަ އެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގައި ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނީ ޑިރެކްޓަރ ޖެނެރަލްއެވެ. ތެލެސީމިއާއާ ބެހޭ ސިޔާސަތުތަކަކީ ސައްހަ މައުލޫމާތަށް ބިނާކޮށް ކަނޑައަޅާ ސިޔާސަތުތަކަށް ހެދުމަށްޓަކައި އެފަދަ ދިރާސާތައްކޮށް، ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ކުރިއަރުވައި ހަރުދަނާކުރުމަށްޓަކައި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތައް ހިންގުމަށް އިރުޝާދު ދިނުމަކީ ވެސް ޑިރެކްޓަރ ޖެނެރަލްގެ ޒިންމާއެކެވެ.
ބިލުގައިވާާ ގޮތުން، ގާނޫނަށް ގެންނަ އިސްލާހުތަކުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ.
މި ލިޔުން ކިޔާލުމުން