Friday, November 6
ޓޫރިޒަމް ޓްރަސްޓު ފަންޑު ގަވާއިދު އާއްމުކޮށްފި
ޚަރަދުކުރެވޭނެ ދާއިރާތައް ކަނޑައަޅާ ޓޫރިޒަމް ޓްރަސްޓު ފަންޑު ގަވާއިދު އާއްމުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޓްރަސްޓް ފަންޑެއް އެކުލަވައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި ލިބޭނޭ ގޮތް މަގުފަހިކުރުމަށް ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ ފަންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި ފަންޑުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނިންމުމެވެ.

މީގެ އިތުރުން މި ފަންޑަށް ލިބޭ އެހީތެރިކަން އަމާނާތްތެރިކަމާއެކު ބަލަހައްޓާ ފަންޑުން ލިބޭ ފައިދާ ދާއިރާގެ ކުރިއެރުމަށް ބޭނުންކުރުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ފަސް އަހަރުގެ މުއްދަތަށް އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ޒިންމާތަކެއްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން ފަންޑަށް ޖަމާކުރާ ފައިސާ ޚަރަދު ކުރަންޖެހޭ ގޮތް ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ފަންޑަށް ޖަމާކުރާ ފައިސާ ޚަރަދު ކުރަންޖެހޭ ގޮތް:

• ޓޫރިޒަމް ސިނާއަތް ތަރައްޤީކުރުމުގެ ހަރަކާތްތަކަށް • ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް އިންވެސްޓްކުރުން • ޓޫރިޒަމް ދާއިރާގެ މީހުންގެ ގާބިލްކަން އިތުރު ކުރަން ތައުލީމާއި ތަމްރީނު ޕްރޮގްރާމް ހިންގުން • އާންމު އިޖުތިމާއީ ފައިދާ ލިބޭ ހަރަކާތްތައް ހިންގުން • ފަންޑު ބޭނުންކުރަން ޖެހޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން

ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު ބަހާފައި ވަނީ ހަތަރު ބަޔަކަށެވެ.

އެއީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާއާއި އެ ނޫންވެސް ފައިސާ، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދޭ ފައިސާއާއި ފަންޑުން އުފައްދާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ އަދި އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާ ބީލަންތަކުގައި ތަމްރީނުތަކަށް ދޭ ފައިސާ ކަމަށް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އަދި ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު