Tuesday, November 3
ރާއްޖޭގެ އާޓިފިޝަލް އިންޓެލިޖަންސް އެސެސްމަންޓް ރިފޯޓް އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އެސެސްމަންޓް ރިފޯޓް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ރިފޯޓް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ވެރިޔާ، ޑރ. މުޙައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތު އޭޝިއާގެ ޑިރެކްޓަރ، މިސްޓަރ ޓިމް ކާރޓިސްއެވެ.

މި މަސައްކަތަކީ ޔުނެސްކޯ ގެ އިސްނެންގެވުމުގެ މަތިން، އެންސީއައިޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވި 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވަނީ މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބި އަދި ހާއްސަކޮށް އޭއައިގެ ރޮނގުން ކުރިއެރުން ހޯދުމުގެ ދުވެލި ބާރުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

ޑރ. ކިނާނަތު ވަނީ މި މަޝްރޫޢު ހިންގަވައިދެއްވިކަމަށްޓަކައި ޔުނެސްކޯ އަށާއި، "ރޭމް" ސްޓިއަރިންގ ކޮމިޓީ އަދި އެންސީއައިޓީގެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

އޭއައި ރެޑިނަސް އެސެސްމްނެޓް ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ޤައުމަކުން ތަސްތީދުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަސާސަކަށް ބަލައި އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު، އިންސާނީ ހައްޤުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށެވެ. އަދި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭނެ އުސޫލްތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭއައި ގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ އިތުރުން މިކަންކަން ހާސިލްކުރުމުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނާނޭހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުންވެސް މި އޮނިގަޑުގެ މަޤްސަދުތަކުގެތެރޭގައި ހިމެނެއެވެ.

މި ބައްދަލުވުމުގައި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އަދި އދ އިން ދިވެހިރާއްޖޭއަށް ކަނޑަ އަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒެންގް އަދި ޔުނެސްކޯގެ ސައުތް އޭޝިޔާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓަރ، މިސް އިންސޮގ ކިމްގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު