މާފަރު އެއާޕޯޓަކީ ނ. އަތޮޅުގެ ޒުވާނުންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް އުދުއްސާލާ ރަންވޭއަކަށް ހެދުމަށް އެބޭފުޅުންނަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބުދުﷲ މުއްަލިބު އިލްތިމާސްކުރައްވާފައެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީނ. މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމި، އެ ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅ ުދައްކަވަމުންނެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ވާންޖެހޭނީ މިއަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތަކަށް ހުޅުވޭ ދޮރަކަށް ކަމަށާއި، މި އަންނަ ތަރައްޤީއަކީ ހަމައެކަނި އާންމު ރައްޔިތުން ބަލަން ތިބޭ ތަރައްޤީއަކަށް ވެގެން ނުވާނެ ކަމަށެވެ.
އަދި ރައްޔިތުން ވާންޖެހޭނީ މި ތަރައްޤީގެ ބައިވެރިންނަށް ކަމަށް މިނިސްޓަރ މުއްޠަލިބް ބަޔާންކުރެއްވިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު، މުޙައްމަދު ސަޢީދުއެވެ. އެ މަނިކުފާނުގެ އިތުރުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބާއި، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީއާއި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ސަފީރު، ޝެއިޚް ރަޙްމާ ބިން ޢަބްދުއްރަޙްމާން ބިން ރަޙްމާ އަލް ޝަމްސީ ވެސް މި މުހިއްމު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމި ހުޅުވުމާއެކު، ނ. އަތޮޅަށް އިންތިހާއަށް ތަރައްޤީ އައިސް، ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި ލިޔުން ކިޔާލުމުން