ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް" ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް މެންބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހު ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުޢީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓުމާއި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ޤާނޫނުގައި ކަނޑައެޅުއްވުމަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކެކެވެ.
މި އިސްލާހުގެ ދަށުން ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވާނަމަ އެކަން ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަންވާނެއެވެ. މިހާރު ޤާނޫނުގައި ވާގޮތުން 6 މަސް ދުވަހުގެ ތެރޭގައި އަންގަންޖެހެނީ ހަމައެކަނި ކޯޓުގެ އިސް ފަނޑިޔާރަށެވެ.
ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު އޮންނަގޮތުން ކޮންމެ ފަނޑިޔާރަކު މާލީ ބަޔާންތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭނީ އަހަރަކު އެއް ފަހަރުއެވެ. ނަމަވެސް މިހާރު ހުށަހަޅުއްވާފައިވާ އިސްލާހުގައިވާގޮތުން ފަނޑިޔާރުން މަގާމާ ހަވާލުވާއިރު މިލްކިއްޔާތުގައި ހިމެނޭތަކެތީގެ މާލީ ބަޔާން، މަގާމާ ހަވާލުވެވަޑައިގަންނަވާތާ 3 މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ. އަދި ކޮންމެ އަހަރަކު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފާއިތުވި އަހަރުގެ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން