އާދިއްތަ, November 8
ގަރާރު ހުށައަޅާތާ ތިން މަސްދުވަހުގެތެރޭ ޚިޔާލު ހޯދުމުގެ ވޯޓު ނަގަންޖެހޭގޮތަށް ބިލެއް ހުށަހަޅައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.

"ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގައި ބަޔާންކޮށްފައިވާގޮތުން ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވީ ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުމަށެވެ. ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ޤާނޫނެއް ނެތެވެ.

އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނެ ގޮތްތައް ބަޔާންކުރާ ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްކަމަށް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ މާއްދާތައް:

  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
  • ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
  • ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
  • ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
  • ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ

މީގެ އިތުރުން ޤާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ރައްޔިތުންގެ ރުހުން އެ ބިލަށް އޮތްތޯ ބެލުމަށްވެސް ވޯޓަށް އެހޭނެކަން ބިލުގައި ވަނީ ހިމަނުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު