އާދިއްތަ, November 8
ގައުމެއް ތަރައްގީ ކުރުމުގައި ނަފްސާނީ ސިއްހަތުވެސް މުހިންމު: މެޑަމް ސާޖިދާ

ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ޞިއްޙަތު ކިތަންމެހައިވެސް މުހިންމުކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތުވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ. ވަކީން ޚާއްޞަކޮށް ފަންނިއްޔާތާއެކު ޞިއްޙީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫޢަކީ، ދިވެހި ޞިއްޙީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްކަމުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ޙަވާލުކުރުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ. އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ޚިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީފިލާ ޙަވާލުކޮށްދެއްވުން މިޖަލްސާގައި އޮތެވެ. މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ހދ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެއަށްފަހު އެކަމަނާ ވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކޮށްލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު