މޯލްޑިވްސް މީޑިއާ ކައުންސިލަށް އަލަށް ހޮވުނު ތިން މެންބަރުނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފުރުސަތު ނުދޭ މައްސަލައާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގއި ބުނެފައިވަނީ މީޑިއާ ކައުންސިލަށް އަލަށް ހޮވުނު ތިން މެންބަރުންނަށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ފުރުޞަތު ނުދީ ދަންމަމުންދާ މައްސަލައިގައި އެ ޖަމުޢިއްޔާއިން ކަންބޮޑުވާ ކަމަށެވެ.
"ޤާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން އަދި އެތައް ފަހަރަކު ލަސްކުރުމަށް ފަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ސާފުކޮށް ނިކުތުމަށް ފަހު ވެސް އަލަށް ހޮވުނު ތިން މެންބަރުންނަށް މަސްއޫލިއްޔަތު އަދާކުރަން ފުރުޞަތު ނުދީ ދިގު ދެންމުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން"، އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެކަން ލަސްވަމުންދަނީ އިންތިޚާބުގައި ބަލިވި ކެންޑިޑޭޓް ފަހު ވަގުތު ހުށަހެޅި ޝަކުވާއެއްގެ ސަބަބުން ކަމަށް ބުނި ނަމަވެސް، އެއީ އަލަށް ހޮވުނު މެންބަރުން ޒިންމާ އަދާކުރުމަށް ހުރަސްއަޅަން ޖެހޭ ސަބަބެއް ކަމުގައި ނުދެކޭ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެމްޖޭއޭ އިން ވަނީ ވީ އެންމެ އަވަހަކަށް އައު މެންބަރުންނަށް ޒިންމާ އަދާކުރެވޭ ގޮތް ހައްދަވައި ދެއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއަށް ގޮވާލައި އިލްތިމާސްކޮށްފައެވެ.
މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަންގައި މީޑިއާތައް ތަމްސީލް ކުރާ ދެ މެންބަރަކާއި، އާންމުންގެ ފަރާތުން އެއް މެންބަރަކު ވަނީ އިންތިޚާބުކޮށްފައެވެ.
މިގޮތުން މީޑިއާ ތަމްސީލްކުރާ މެންބަރުންގެ ގޮތުގައި އިންތިޚާބުވީ "ދައުރު" ނޫހުގެ ނޫސްވެރިޔާ، މުޙައްމަދު މުޒައްޔިނު ނާޒިމާއި "އަދަދު" ނޫހުގެ ލީވާން ޢަލީ ނަސީރެވެ. މީގެ އިތުރުން މީޑިއާ ކައުންސިލްގެ އާންމު މެންބަރު މެންބަރުކަމަށް އިންތިޚާބުކޮށްފައިވަނީ ޙައްވާ ވަޖުދާއެވެ.
މި އިންތިޚާބުގައި 53 މީޑިއާއަކުން ވޯޓުލާފައިވާއިރު، މުޒައްޔިން އިންތިޚާބުކުރުމަށް 50 މީޑިއާއަކުން ވޯޓު ދީފައިވެއެވެ. އަދި ލީވާނަށް 48 ވޯޓު ލިބުނުއިރު، ވަޖުދާ އިންތިޚާބުވެފައިވަނީ 38 ވޯޓުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތައް ތަމްސީލް ކުރައްވާ 8 މެންބަރުންނާއި އާންމުގެ 7 މެންބަރުންގެ މައްޗަށެވެ.
މި ލިޔުން ކިޔާލުމުން