ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލައި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަޞީމެވެ. މި މައްސަލަ ވަނީ 45 މެންބަރުންގެ އިއްތިފާޤުން މަޖިލީހަށް ބަލައިގެންފައެވެ.
މި ކުއްލި މައްސަލައިގައި މީކާއީލު ވިދާޅުވެފައިވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާތައް ދޭން ފަށައި، މެދުއިރުމަތީގައި މިހާރު ހަނގުރާމައެއް ހިނގަމުންދާ ހިނގު، އަދި އެ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ޤައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކަކަށް ދިގުދެމިގެން ދިއުމުގެ ފުރުޞަތު އޮތް ކަމަށެވެ.
މީގެ އިތުރުން، ޤަތަރުގެ ވެރިރަށް ދޯހާއި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިއްޔެ އީރާނުން ހަމަލާ ދިނުމާއެކު، ދޯހާއާއި ދުބާއިފަދަ މަންޒިލުތަކުން ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާކަމަށް ޚަބަރު ލިބެމުންދާއިރު، ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިޔާއަތަކީ ފަތުރުވެރިކަން ކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.
"މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެ، އެކަމުގެ ނަތީޖާއެއް ގޮތުން، ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރުފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ، ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއް"، މި މައްސަލައިގައި ބުނެފައިވެއެވެ.
މީކާއީލު ވިދާޅުވެފައިވަނީ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެ ކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި ކާޑުގެ ބާވަތްތަކާއި ތުއްތުކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ބުނެފައިވަނީ މި ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހުރިތޯ ނުވަތަ ނޫންތޯ ސަރުކާރުން ރައްޔިތުންނަށް އަންގަވައިދެއްވަނވާނެ ކަމަށާއި، މިއީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންވެއްޖެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހަޅާ މައްސަލައެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން