Saturday, October 31
އަހަރުގެ 6 މަސްތެރޭގައި އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފި

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފިއެވެ.

އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް މިއަދު މެންދުރު 12:55 ގައި އިންޑިގޯގެ ފްލައިޓް 6E 1131 އިން ރާއްޖެ އައިސްފައިވެއެވެ.

ހަނީމޫނަށް މަލަހިނި ކުޑަ ބަނޑޮސްއަށް ޒިޔާރަތްކުރާ ކާޖަލްއަށް މަރުހަބާ ކިޔާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެންނެވެ. މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރެވެ.

މި މުނާސަބަތު ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް، އަލްފާޟިލް ތޯރިޤް އިބްރާހީމް ވިދާޅުވީ، "މިއީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ، ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް" ކަމަށެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ، އިބްރާހިމް ޝިއުރީ ވިދާޅުވެފައިވަނީ މި ކާމިޔާބަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ސިނާއަތުގެ ހުރިހާ މަސްލަހަތުވެރިންގެ ހިތްވަރާއި ބުރަ މަސައްކަތުން މި ކާމިޔާބީ ހާސިލުކުރެވުނު ކަމަށް ފާހަގަކުރެއްވިއެވެ.

މި މުނާސަބަތުގައި ކާޖަލްއަށް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވާފައިވާ "ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައެވެ. އެގޮތުން، ކާޖަލް ވަނީ ހުޅުލޭގައި މި ޕްރޮގްރާމްގެ ދަށުން ގަހެއް އިންދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު