މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް މިއަދު ފްރާންސަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 9 އިން 13 އަށް ފްރާންސްގެ ނީސްގައި ބޭއްވޭ މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސް ވެރިއެއްގެ ގޮތުގައި ވަޒީރު ޝިޔާމް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝިޔާމް ވާހަކަފުޅު ދައްކަވާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. އެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވާނެ ކަމަށާއި، މި މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައްވެސް ފާހަގަކުރައްވާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ، ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ޤައުމުތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުންކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް ކަނޑައެޅޭ ބައިނަލްއަޤްވާމީ ފަންޑު އިތުރުކުރުމަށާއި، މިފަދަ ފަންޑުތަކުން އެހީ ދިނުމުގައި ތިމާވެށި ރައްކާތެރިކުރާ ޤައުމުތަކަށް ޚާއްޞަ އިސްކަމެއް ދިނުމަށްވެސް ވަކާލާތުކުރައްވާނެއެވެ.
ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދުނިޔޭގައި އެންމެ ތިމާވެށްޓާ ރައްޓެހި މަސްވެރިކަމުގެ ތެރެއިން އެއް މަސްވެރިކަން ކަމުގައިވީ ނަމަވެސް، މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ޓެރިފްގެ ބުރަ އުފުލަންޖެހޭކަން ފާހަގަކޮށް، މި ދަތިތައް ހައްލުކުރުމަށް ވަކާލާތުކުރައްވާނެ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން