Saturday, October 31
ރާއްޖޭގެ އެކްސްޕޯޓް ފުޅާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުން ޔޫއެންޑީޕީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އެކްސްޕޯތް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޔޫއެންޑީޕީ އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިޤުތިޞާދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ވިޔަފާރިތަކުން ބައިނަލްއަޤްވާމީ މާކެޓުގައި ހަރަކާތްތެރިވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާތީ އާއި، ވަކިން ޚާއްޞަކޮށް ރެގިއުލޭޓަރީ ކަންކަމާއި، އެކްސްޕޯޓް މަރުހަލާގައި ހޯދަންޖެހޭ ހުއްދަތަކާއި ސެޓިފިކޭޝަންސްގެ މިންގަނޑުތަކަށް ވާސިލުވުމަގައާއި، ރަޖިސްޓްރީކުރުމުގެ މަރުހަލާތަކުގައި ހުންނަ ގޮންޖެހުންތަކުގެ ސަބަބުން ގްލޯބަލް ވެލިއު ޗެއިންގެ ބޭނުން އެންމެ އެދެވޭ ގޮތަށް ދިވެހި ވިޔަފާރިތަކުން ހިފުމަށް ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ގޮންޖެހުންތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކުން، ވަކިން ޚާއްޞަކޮށް ރާއްޖޭގެ އެކްސްޕޯޓް ފުޅާކުރުމުގައި އަދި ދުނިޔޭގެ ވާދަވެރި ވިޔަފާރީގެ މާހައުލުގައި ސާބިތުވެ ތިބުމަށް ހުރަހަކަށް ވެފައިވާ ކަމަށެވެ.

އެހެންކަމުން މި ހުރަސްތަކުން އަރައިގަތުމުގެ މަޤުޞަދުގައި ޔޫއެންޑީޕީއާއެކު އެ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި ސްޓްރެޓީޖިކް ޕޮލިސީތައް އެކުލަވާލައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، އެކްސްޕޯޓް މާކެޓުގެ ދިރާސާތައް ހެދުމާއި، ރާއްޖެއިން ވިޔަފާރިކުރާ މުހިންމު ޤައުމުތަކުގެ މާކެޓުގައި ހުރި ވަކިވަކި ރެގިއުލޭޓަރީ ކަންކަމާއި ސެޓިފިކޭޝަންތައް ހޯދުމުގެ މަރުހަލާތައް ދެނެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

"މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އެކްސްޕޯޓް ކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، ދުނިޔޭގެ ބާޒާރަށް ރާއްޖެއިން ކުރާ އެކްސްޕޯޓް އިތުރު ކުރުމަށް މަގުފަހިވެގެންދާނެ"، އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު