Saturday, October 31
މިއަހަރު ފުރަތަމަ ހަތަރު މަހު ބީއެމްއެލް އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ޖަމާކުރި

މިއަހަރު ފުރަތަމަ ހަތަރު މަހު ބީއެމްއެލް އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ނޫނު އަތޮޅުގެ ރަށްތަކަށް އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން  ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި ބޭންކުގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުންކަމަށެވެ. އޭޓީއެމް ޚިދުމަތް ކޮންމެ ރަށަކަށް ލިބެންފެށުމާއެކު ދަތުރު ކުރަން ނުޖެހި ޚިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށްވެސް ވަންނަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވަފައެވެ.

" ބީއެމްއެލް މެދުވެރިކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތަކުގެ 90 އިންސައްތަ މުއާމާލާތްތައް ކުރަނީ ޑިޖިޓަލްކޮށް. ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް އަށް ދުވާލަކު 1,000,000 ފަހަރު ކަސްޓަމަރުން ލޮގްކުރޭ. އިންޓަރނެޓް މެދުވެރިކޮށް ކުރާ މުއާމަލާތުގެ އަދަދު ބޮޑު އިންސައްތައެއް ހިއްސާކުރިނަމަވެސް އޭޓީއެމްތަކުން ކުރާ މުއާމަލާތްތައްވެސް މިދަނީ އިތުރުވަމުން. މިގޮތުން ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކު 38000 މުއާމަލާތްކުރޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން  ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް  ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް ކަމަށާއި އޭޓީއެމް ހިދުމަތް ލިބެން ނެތްނަމަ އެއީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ 2000 ދަތުރު.ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އަދި މިދިޔަ ރަމަޟާން މަހު ހއ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފައިވާކަމަށާއި ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފައިވާ ކަމަށް ވިދާޅުވިއެވ.

ޝަރީފް ވިދާޅުވީ މުޅިރާއްޖެއިން ވެސް ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތަންކަމަށާއި މިގޮތުން އެޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން  240,000 މުއާމަލާތް ކޮށް، ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިއާއެކު މުޅިރާއްޖޭގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު