މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރި 01 މެއި 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު ހިމަނައި، ނިމިގެންދިޔަ ހަފްތާގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 12.0 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ހުރި އޯވަރޯލް ބެލެންސް އަރަނިވެފައި ހުރި 17 ވަނަ ހަފްތާއެވެ.
2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން، 01 މެއި 2025 ގެ ނިޔަލަށް ހިނގާފައިވަނީ 24.3 އިންސައްތައެވެ.
ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ޚަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 އިންސައްތައިން ދަށްވެފައެވެ.
އެގޮތުން، ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި:
• ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް އަލުން ރިވިއުކޮށް، ނަތީޖާނެރެވޭނެ ޕްރޮގްރާމްތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 75.8 އިންސައްތައިން ވަނީ ދަށްވެފައި
• ޚަރަދު ކުޑަކުރުމަށް ކުރެވޭ އެހެނިހެން މަސައްކަތްތަކާއެކު، ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށަށް ގޮސް، ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު ވަނީ 3.3 އިންސައްތައިން ދަށްވެފައި
• އެހެންނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން، އެ ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 އިންސައްތައިން އިތުރުވެފައި
މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 34.0 އިންސައްތަ، 01 މެއި 2025 ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ.
މި ލިޔުން ކިޔާލުމުން