Saturday, October 31
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑރ. ޞަލާޙުލް ބުދައިރުގެ ރާއްޖެއިން ފުރާވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވާފައިވެއެވެ. އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއިވެސް ބައްދަލު ކުރައްވާފައިވެއެވެ.

މީގެ އިތުރުން އިމާމުންނާއި ޚަޠީބުންނާއި ބައްދަލު ކުރައްވާ ނަޞޭޙަތުގެ ބަސްކޮޅެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވެވިއެވެ. އަދި ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަ ކުރައްވާފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ޚުޠުބާއެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތްތަނުގައި ޙަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު