ގދ. ހޯނޑެއްދޫގެ އިޚްތިޞާޞުން އެ އަތޮޅު ކަނޑެވާރެހާ ވަކިކުރުމަށް ނިންމެވި ނިންމެވުން ހޯނޑެއްދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.
ހޯނޑެއްދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ރަށަކީ ފަތުރުވެރިކަމުގެ ވިޔަފާރި އަށް ފައްކާވެފައިވާ، ނިސްބަތުން ހުވަދު އަތޮޅުގައި ޓޫރިސްޓް އެނދު އެންމެ ގިނަ އެއް ރަށް ކަމަށާއި، ރަށްރަށުގެ އިޚްތިޞާޞްގެ ކަނޑައެޅި އިރު ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ގދ. ކަނޑެވާރެހާ ހިމެނުއްވާފައިވުމަކީ އެ ކައުންސިލާއި ރައްޔިތުން، ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރަމުންއައި އުންމީދަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.
އެ ކައުންސިލުން ބުނީ ކަނޑެވާރެހާ އަކީ އެތައް ޒަމާނެއް ވަންދެން ހޯނޑެއްދޫގެ ރައްޔިތުން ބޭނުންކުރަމުން އައި ރަށެއް ކަމަށާއި، ހޯނޑެއްދޫގެ ބިނާވެށި ޕްލޭންގައި ކަނޑެވާރެހާ އަކީ ޓޫރިޒަމްއަށް ތަރައްޤީ ކުރާނެ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މޮޑެލްގެ ދަށުން ތަރައްޤީކުރުމަށްޓަކައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި މިކަމަކީ ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކައުންސިލުން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ހޯނޑެއްދޫގެ އިޚްތިޞާޞުން އެ ރަށް ވަކިކުރުމުން ހޯނޑެއްދޫގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއްނެތި، މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
އެ ކައުންސިލުން ވަނީ ހޯނޑެއްދޫގެ އިޚްތިޞާޞް ގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމުގެ ނިންމުން ވަގުތުން އަނބުރާ ގެންދެވުމަށާއި، ހޯނޑެއްދޫގެ ރައްޔިތުންނާ މަޝްވަރާކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމެވުމަށާއި، ރަށްރަށުގެ އިޚްތިޞާޞްތަކަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައިފައެވެ.
"ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞުން ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމެކެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ޔަޤީން"، ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ހޯނޑެއްދޫ ކައުންސިލުން ވަނީ މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން އަލުން މުރާޖަޢާކޮށް، ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞް ގެ ތެރޭގައި ދެމެހެއްޓުމަށާއި، ރަށުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، ރަށުގެ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި އެރަށް ކައުންސިލުން ތަރައްޤީކުރުމުގެ ހުއްދަ ދެއްވުމަށް އެދި ގޮވާލައިފައެވެ.
މި ލިޔުން ކިޔާލުމުން