"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވިދާޅުވީ ބަލިތަކުން ދުރުކުރުވަން ކުރަން ޖެހޭ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅެވޭނެ ގޮތްތަކާއި ހިތްހަމަޖެހޭނެ މާހައުލެއް ގާއިމްކޮށްދިނުން ހިމެނޭ ކަމަށެވެ. ކުޑަ ކުދިން ގޭތެރޭގައި ބަންދުވެފައި ތިބުމުގެ ބަދަލުގައި އާއިލާ އެކު ނުކުމެ މާލޭގައި ވެސް ހިތްހަމަޖެހިލެވޭނެ މާހައުލެއް ފަހިވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތެދެކެވެ. މާލޭގައި ދިރިއުޅެންޖެހޭ ގޮތަށް ބަލާއިރު މިއީ ވަރަށް މުހިންމު ކަމެކެވެ. މީހާގެ ނަފްސާނީ ޞީއްޙަތަށްވެސް މުހިންމު ކަމެކެވެ. ކުޑަކުދިން ހުސްފަޔާ ދުވެލާނެ ތަނެއް ބޭނުންމެވެ. މައިންބަފައިންނާއި އުމުރުން ދުވަސްވީ މީހުން އެއްވެސް ފިކުރެއްނެތި މަގުމަތީގައި ހިންގާލާނެ ނުވަތަ ގޮސް އިށީންދެލާނެ ހޮޅުއަށްޓެއް ނެތެވެ. ރައްޓެހިން ހިތްހަމަޖައްސާލާނެ ގުތުރަތީ ސާފު ވައިލިބޭނެ މާހައުލެއް ނެތެވެ. މިއީ ދިރިއުޅުމަށް ކިހާ މުހިންމު ކަންކަންކަން އެނެގެނީ މިފަދަ ވަސީލަތެއް ނެތްތަނެއްގައި ދިރިއުޅެން ޖެހުމުންނެވެ.
އެހެންވެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މާލޭގައި ވެސް ހަލާކުވެފައި ހުރި ޕާކުތައް ވެސް އަލުން ހަދައި އެފަދަ މާހައުލުތައް ހޯދައިދިނުމަށެވެ. އޭގެތެރޭގައި ސަލްޓަންޕާކު އިތުރަށް ރީތިކޮށް، ފުރިހަމަކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަލްޓަން ޕާކް ވެސް އަޅުގަނޑުމެން މިއުޅެނީ އަލުން ރީތިކޮށް ހަދާލަން. ކުރިއަށްވުރެ ގިނަ ކަންކަން ހިމަނާފައި އިނގޭތޯ. އަޅުގަނޑުމެން ހަދާއިރުގައި ސަލްޓަން ޕާކުގައި މިހާރު ގަސް ހުންނަ ތަނެއްވީމާ، އެއް ގަހުން އަނެއް ގަހަށް މަތީގައި އެކިކަހަލަ އެކްޓިވިޓީޒްތައް ހިމަނާފައި އެކަހަލަ ބައިބައި ހިމަނާފައި ކުރަން ނިންމާފައި މިއޮތީ އިނގޭތޯ. ތަންކޮޅެއް ޝައުގުވެރިވާ ކަހަލަ ގޮތަކަށް." ރައީސް ވިދާޅުވި އެވެ.
ސަލްޓަންޕާކު މިހާރު އޮތް ގޮތަށް ތަރައްގީކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުގައެވެ. އެތަން އޭރު ތަރައްގީކުރީ ސްނޯ ޕާކަކާ ވެސް އެކުގަ އެވެ. ނަމަވެސް އެތަން ކުޑަ ދުވަސްކޮޅެއް ފަހުން ވަނީ ބޭނުންނުކޮށް ހުއްޓާލާފައެވެ.
ރައީސް ވިދާޅުވީ ސަލްޓަންޕާކު އަލުން މަރާމާތުކުރާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ.
"އެއްގަހުން އަނެއް ގަހަށް ގޮސްލައި ހަދައިލެވޭކަހަލަ، ތަންކޮޅެއް އެޑްވެންޗަރަސްއޭ މި ކިޔާކަހަލަ ތަންތަން. ބިންމަތީ ލެވެލްގެ އިތުރަށް، މަތީގައި ކުޑަ ޕާކެއް އަންނާނެ ކަމަށް ބައްލަވަންވީ އިނގޭތޯ. ދެން އޭގެއިތުރަށް ވެސް ކަންތައްތައް ހިމެނޭގޮތަށް ޕާކުތައް ހެދޭނެ. މިއީ ވަރަށް މުހިންމު ކަމެއް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެތަނުގައި ތަފާތު ކުޅިވަރުތައްވެސް ކުޅެވޭނެ ކަމަށެވެ. އެތަން ތަރައްޤީ ކުރުމުގެ ވާހަކަ ރައީސް މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވިދާޅުވިއެވެ.






