Saturday, October 31
ރާއްޖޭގެ އަސްލު ރުއްގަސް ނެތެމުންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ އަސްލު ރުއްގަސް ނެތެމުންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ދަނޑުވެރިކަމާއި ތިމާވެއްޓަށް އަސަރުކުރަމުންދާ މުހިންމު މައްސަލަތައް ހައްލު ކުރުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ތޯރިޤް އިބްރާހީމް އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ފެލްފެއަރ، ޑރ. މަރިޔަމް މާރިޔާ ދެ ބޭފުޅުން ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގައެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ މި މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ކާޅާއި، ވައު، ރުއްގަހުގެ ބަލިތައް، ދަނޑުވެރިންނަށް ދަނޑުބިން ލިބުމުގެ މައްސަލަތައް، ސޫފާސޫފި އަދި ޖަނަވާރު އެތެރެކުރުން ފަދަ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ދަނޑުތަކާއި ރާއްޖޭގެ އަސްލު ރުއްގަސް ނައްތާލެވެމުންދާތީ އާއި ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށްފާނެ ބޭރުގެ ބާވަތްތައް ތަޢާރަފުކުރެވެމުންދިއުމުން، ތިމާވެއްޓަށާއި ސަގާފީ ތަރިކައަށް ނުރައްކާ ވާނެ ކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އެހެންކަމުން އެކަންކަމާއި ގުޅޭގޮތުންވެސް ކަންބޮޑުވުންފާޅުކޮށް މަޝްވަރާކުރައްވާފައިވެއެވެ.

މި ކަންބޮޑުވުންތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ދިރިއުޅުމަށް ބޮޑަށް އަސަރުކުރާ ކަންކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ވައު އަދި ބުޅަލަކީ ތިމާވެށީގެ މުހިންމު ބައެއްކަމާއި އެ ތަކެތީގެ ވެށީގެ މުހިންމު ކަމާއި އެ ތަކެތިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދާ  އެ ތަކެތި ޝާމިލްކުރުމާއިއެކު ދިރިއުޅެވޭނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއް ކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުން ނިންމާލައްވާފައިވަނީ މަޝްވަރާތަށް އިތުރަށް ކުރިއަށް ގެންދިއުމަށާއި، ތިމާވެއްޓަށާއި މުޖުތަމަޢުތަކަށް ފައިދާކުރާނެ ޢަމަލީ، ސައިންސަށް ބިނާކޮށްފައިވާ ހައްލުތަކަށް މަސައްކަތްކުރުމަށް އެއްބަސްވެގެންނެވެ.

މި ބައްދަލުވުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ މަންދޫބުން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އަދި ޕަބްލިކް ވަރކްސްގެ އޮފިޝަލުން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު