ބުރާސްފަތީގެ ކުރިން ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ހުއްދައަށް އެދުމަށް އިލްތިމާސްކޮށްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ފަހުދިހަގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމާއި ގުޅިގެން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ރާއްޖެ އެތެރެކުރުމަށް ނިންމާފައިވާ ގަސްގަހާގެހީގެ ޝިޕްމެންޓްތަކުގައިވާ ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން 20 މާރިޗު 2025 ވަނަ ދުވަހުގެ ކުރިން ހުއްދަ ހޯދުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މިއީ 6 މަސް ދުވަހުގެ މުއްދަތަކަށް ދެވޭ ހުއްދައެއްކަމުން، ދުރާލާ ހުއްދަ ލިބިފައިވާކަން ކަށަވަރު ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން ކުރިން ނެގިފައިވާ ހުއްދަތަކުގައިވެސް އެތެރެކުރާ ބާވަތްތަކުގެ ގަހާއި ގަހުގެ ބައިތައް ހުރިކަން ކަށަވަރުކުރުމަކީ އެތެރެކުރާފަރާތުގެ ޒިންމާއެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1ވަނަ ދުވަހަކީ، (ފިޠުރު ޢީދު ދުވަހަކީ) މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ވަނީ ނިންމަވާފައެވެ.
އަދި، މާރިޗު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީއިން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. ރައީސްގެ މި ނިންމެވުމާއެކު، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން