Saturday, October 31
ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަޢޫދީއާއެކު ސޮއިކުރި އެއްބަސްވުން އެ ޤައުމުގެ ކެބިނެޓުން ފާސްކޮށްފި
ވިޔަފާރިއާއި އިގުތިސާދީ އެއްބާރުލުމުގެ ދާއިރާއިން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއެކު ގުޅުން ބަދަހިކުރުމަށް ސޮއިކުރި އެއްބަސްވުން، އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިކަން ހާމަކުރައްވައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ، ދެ ޤައުމަށްވެސް ފައިދާ ކުރާނެ ގޮތަށް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ހިޒް ރޯޔަލް ހައިނަސް، ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ އަމާޒުތަކަށް އެއްބާރުލުންދޭ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަޒީރު ސަޢީދު މިދިޔަ ޑިސެންބަރު މަހު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ސަޢީދެވެ. އަދި ސަޢޫދީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް ބޯޑްގެ ޗެއާރމަން، ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބީއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ސަޢީދާއި ޑރ. މާޖިދް ބިން ޢަބްދުﷲ އާ ބައްދަލުކުރައްވައި ވަނީ މަޝްވަރާ ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ސަޢުދީގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެއްވަމުން ގެންދަވާ އަހަމިއްޔަތުކަމާއި، ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި، ސަޢީދު ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ސަޢޫދީގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު