Saturday, October 31
ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ބަލައިގަނެ، އެމްޑީޕީއަށް ނޫނެކޭ ބުނާކަމީ މިއަދުގެ ޙަޤީޤަތް: ޝަކީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަލައިގަނެ، އެމްޑީޕީއަށް ނޫނެކޭ ބުނާކަމީ މިއަދުގެ ޙަޤީޤަތް ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވެރިކަން ރައްޔިތުން ބަލައިގަނެ ތަކުރާރުކޮށް އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނަމުން ދާކަމީ މިއަދުގެ ޙަޤީޤަތް ކަމަށެވެ. އަދި މިއީ މެންބަރޝިޕް ފޯމަކުން ނުކުތް ނަތީޖާއެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދައިގެން ނެރެވޭނެ ނަތީޖާއެއް ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. "ޝުކުރިއްޔާ ދިވެހިރައްޔިތުން. މަރުހަބާ ޕީއެންސީ ފައުޖު އަދި މަރުހަބާ ރައީސް ޑރ. މުޢިއްޒު"، ޝަކީލް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އިއްޔެ ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ޕީއެންސީން ވަނީ ނ. ލަންދޫ އާއި، ރ. އިންނަމާދޫ ދެ ގޮނޑި އާއި، ލ. ގަމާއި، ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އާއި ހދ. ހިރިމަދޫ އާއި ނ. ފޮއްދޫ އާއި ބ. ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައެވެ. އިއްޔެ 12 ދާއިރާއެއްގެ ބައި-އިލެކްޝަން ކުރިއަށްގެންގޮސްފައިވާއިރު، އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ނ. މިލަދޫ އާއި އދ. ހަންޏާމީދޫގެ ގޮނޑިއެވެ. އަދި ބާކީ ދެ ދާއިރާ ކަމަށްވާ ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއާއި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. ބައި-އިލެކްޝަންތަކުގެ ވޯޓުލުން އިއްޔެ 16:00 އާ ހަމައަށް ކުރިއަށްގެންދިޔައިރު، ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 11،325 މީހުންގެ ތެރެއިން 6،275 މީހުންނެވެ. ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ. ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު