Saturday, October 31
ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހިއްސާކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު އިން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މިއަދު ބޭއްވި މި ވޯކްޝޮޕްގެ ޕްލޭންގައި، ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ވަނީ އައު ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރުމަން އަންނަ މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށާއި، ހަރުދަނާ ކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ސްޓްރެޓެޖީތަކެއް ވަނީ އެކުލަވާލާފައެވެ.

މި ޕްލޭންއަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ޕެރިސް އެގްރީމެންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް ފަސް އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭންއެކެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައިވެއެވެ.

އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ޕްލޭން އެކުލަވާލުމަށް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާއި، ޚާއްޞަކޮށް ޕްލޭން އެކުލަވާލުމުގެ މަރުޙަލާތަކުގައި ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް، ކޮންސަލްޓޭޝަންތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ޕްލޭންގައި ބަޔާންކޮށްފައިވާ ނޭޝަނަލް އަދި ސަބް ނޭޝަނަލް އެމްބިޝަންތަކާއި އަމާޒުތައް ދެނެގަތުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިކަމަށް ހާއްސަކޮށްގެން ވޯކްޝޮޕްތަކެއް ބޭއްވި ކަމާއި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖޭގެ އައު ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެއްކަމާއި، މި ޕްލޭނަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ލީޑަރޝިޕް ދައްކުވައިދޭ ޕްލޭނެއްކަން ފާހަގަކުރެއްވިއެވެ.

މި ވޯކްޝޮޕްގައި ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް މުހިންމު ކްރޮސް ކަޓިންގ ދާއިރާތަކާ ބެހޭ ގޮތުން ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފައިނޭންސް، ޓެކްނޮލޮޖީ، ކްލައިމެޓް އެމްޕަވަރމަންޓް، ޖެންޑާ، ޗިލްޑްރަން އެންޑް ޔޫތު އަދި ކްލައިމެޓް އެޑްވޮކޭސީ، އެޑިއުކޭޝަން އެންޑް އެވެއާނެސް ހިމެނެއެވެ.

ސެޝަން ނިންމަވާލައްވަމުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުالله ދެއްކެވި ވާހަކަފުޅުގައި އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ނިންމުމުގައި ސްޓޭކްހޯލްޑަރުންގެ ދައުރު ވަރަށް ބޮޑުކަން ތަކުރާރުކުރެއްވިއެވެ.

އަދި، ޔޫ.އެން.އެފް.ސީ.ސީ.ސީ އާއި ޕެރިސް އެގްރީމެންޓާ އެއްގޮތްވާ ގޮތުގެ މަތިން މި ޕްލޭން މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ދިވެހިރާއްޖެއަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޠާރިޤް އިބްރާހީމް ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަކާ ގުޅިގެން، މި ޕްލޭން ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަށް މަސައްކަތް ކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު