Saturday, October 31
ކުރިއަށް އޮތްތާ ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން، އެ ސިނާއަތް އެތައް ގުނައަކުން ރަނގަޅު ކުރާނަން: ރައީސް

ކުރިއަށް އޮތްތާ ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ކަމާއި، އެ ސިނާއަތް އެތައް ގުނައަކުން ރަނގަޅު ކުރާނަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ގއ. ނިލަންދޫ ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރެއްވުން ކަމަށާއި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

އަދި ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ދާއިރާއެއްކަމަށާއި، ނިލަންދޫގެ ދަނޑުވެރިންނާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާހޯދޭނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެރަށެއްގެ އާބާދީއަށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ދެވޭ ތަނަކަށް އެރަށެއްގެ ޞިއްޙީ މަރުކަޒު ހެދުމުގެ ސިޔާސަތުގެ ދަށުން، ނިލަންދޫ ގައިވެސް ޞިއްޙީ ޚިދުމަތްތައް ފުޅާކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި ބަނދަރުގެ މައްސަލައިގައިވެސް، ރައްޔިތުން އުންމީދުކުރާ ފަދަ ޙައްލެއް ހޯއްދަވައިދެއްވާނޭކަމަށާއި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމާއި ފެނާއި ނަރުދަމާގެ މައްސަލަ ހުއްޓިފައި އޮތް އޮތުންވެސް ނިމުމަކަށް ގެންނަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވަނީ ނިލަންދޫ ސްކޫލްގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީ ކޮށްދެއްވާނޭކަމަށް ވިދާޅުވެ، ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ ވަޢުދުވެސް ފުއްދަވައިދެއްވާނޭކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދެއްވާނޭކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު