Saturday, October 31
ލަންކާގެ މަސްބޯޓުގައި ޑްރަގް އެތެރެކުރަން އުޅުނު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ، ބައި ޓަނެއްހާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ސްރީލަންކާގެ މަސްބޯޓުގެ ފަޅުވެރިން އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ މަކުނުދޫ ބޭރުން އަތުލައިގަތް ލަންކާގެ މަސްބޯޓެއް ކަމަށްވާ "އަށެންޕުތަ" އިން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކައެވެ.

މި މައްސަލާަގައި ހައްޔަރުކޮށްފައިވަނީ ފަސް މީހުންނެވެ. އެ އެންމެންނަކީ ވެސް ލަންކާއަށް ނިސްބަތްވާ މީހުންނެވެ.

ހައްޔަރުކޮށްފައިވާ މީހުން:

ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)

މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)

ޗަމޮދް ދިވަންގާ ދިލަކާވަ (22އ)

ލޮރެންސު ހޭވާގީ ސަރަތު (56އ)

ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37އ)

މި މައްސަލާގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ހާޒިރުކުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށެވެ. އެގޮތުން އެ ކޯޓުން އަމުރުކުރީ 30 ދުވަހަށް އެ މީހުން ބަންދުކުރުމަށެވެ.

އެ މުއްދަތު ހަމަވުމާއެކު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު