Saturday, October 31
މަގުމަތީގައި އުޅޭ ބުޅާތަކަށް ހާނިއްކަ ނުކުރުމަށް އިލްތިމާސްކޮށްފި

މަގުމަތީގައި އުޅޭ ބުޅާތަކަށް ހާނިއްކަ ނުކުރުމަށާއި، އެއްވެސް ޖަނަވާރަކަށް އަނިޔާވެރިނުވެ، ޖަނަވާރަށް އަޅައިލައި، އޯގާތެރިވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިރޭ އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ރާއްޖޭގެ ބައެއް ރައްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަ ކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް އެ ވުޒާރާއަށް ލިބެމުންދާ ކަމަަށެވެ. މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު އަމަލަކަށްވާތީ، މިކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ވަނީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާ، ޖަނަވާރަށް ފަސް މިނިވަންކަމެއް ލިބިގެންވާ ކަމަށް ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ:

  • ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
  • ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
  • ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
  • ވޭނާއި، ހާނިއްކައާއި، ބަލިބަލިން މިންޖުވުމުގެ މިނިވަންކަން.
  • އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.

ރާއްޖެއިން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްއިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށާއި، އޭގެތެރޭގައި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވުމަށާއި، އިލްމީ ދިރާސާކުރުމަށާއި މި ނޫން ވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނޭ ކަމަށް ވުޒާރާއިން ބުންޏެވެ.

މީގެއިތުރުން ވުޒާރާއިން ބުނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ ވަކި ބާވަތެއްގެ ކާނާއެއް ކާންދީ، އެ އެއްޗެއްގެ ސުލޫކު ވަކި ގޮތަކަށް ބައްޓަންކޮށް، އަޅައިލުމާއި، ލޯބިދީ، ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމެންނަށް ލިބެމުންދިޔަ އަޅައިލުމާއި، ލޯބިން މަހުރޫމުވާ ކަމަށެވެ. އަދި މީގެ ނަތީޖާއަކަށް ވަނީ ކަންބޮޑުވުމާއި، ހިތްދަތިކަން އިހުސާސްކުރަންޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި، އުޅެމުންދިޔަ އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނާ ދޯޅުވެ، ގާތުގައި އުޅުން ކަމަށެވެ.

މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެ މީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ އެސޮރުމެންގެ ފަރާތުން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް މިފަދަ ހާލަތްތަކުގައި އެސޮރުމެންނަށް ހާނިއްކަ ކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

''ޖަނަވާރަށް ރަހުމުކޮށް، އަޅާލައި، އެތަކެއްޗަށް އޯގާތެރިވުމަށް އިސްލާމްދީން ވެސް ބާރުއަޅައެވެ. މިގޮތުން އިސްލާމްދީނުގައި ވަނީ ޖަނަވާރުގެ ހައްގުތައް ކަށަވަރުކޮށްދީފައެވެ.'' ބަޔާނުގައިވެއެވެ.

މި ދުނިޔެއަކީ ޖަނަވާރަށް ރައްކާތެެރި ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ބާރުއަޅާ ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

މި އަހަރު ދުނިޔޭގެ ޖަނަވާރުގެ ދުވަހުގެ ޝިއާރަކީ ދުނިޔެއަކީ އެސޮރުމެންގެ ވެސް ހިޔާވައްސެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު