އާދިއްތަ, November 1
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

މުއްދަތު މަޖިލީހުގައި ފުލުހުން އެދިފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަކީ ވީޑިއޯ ފުޓޭޖު ކަމަށާއި، މި ވީޑިއޯ ފުޓޭޖުން ފެންނަނީ އޭނާއާއި އިތުރު ބަޔަކާއެކު ދުއްވައިގަންނަ މަންޒަރު ކަމަށާއި، އަނިޔާ ލިބުނު ފަރާތަށް ހަމަލާދޭ ތަނެއް ނުވަތަ އެފަދަ ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އޭނާ އެތަނުގައި ހުރިތޯ ސުވާލުކޮށް އޭނާގެ ފޮޓޯ ދައްކާފައި ނުވާކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަމުރުގައި ބުނެފައިވަނީ މިކަމުގައި އޭނާގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަމެއް ހުށަހަޅާފައިވާ ހެކިތަކުން ސާފުނުވާ ކަމަށާއި، އެހެންކަމުން މިއީ ޝަރީއަތް ނިމެންދެން ބަންދުކުރަން އެކަށީގެންވާ މިންވަރުގެ ހެކިތަކެއް ނޫން ކަމަށެވެ.

އެހެންވެ ކޯޓުން އަމުރުކުރީ 10 ދުވަހަށް އޭނާ ބަންދުކުރުމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ސަބަބު އޮތް ކަމަށް ދެކޭ ހާލަތުގެ ގޮތުގައި އަމުރުގައި ބުނެފައިވަނީ މި މައްސަލައަކީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން، ކުޑަކުއްޖަކު ހުރި ތަނެއްގައި ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށާއި މިއީ ދެ ގުރޫޕެެއްގެ ދެމެދުގައި ހިނގާފައިވާ ކަމެއްކަން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބެލުމުން އެނގޭ ކަމަށެވެ. މިފަދަ މައްސަލަތަކަކީ މިފަދަ މައްސަލަތަކުގެ ބާވަތަށް ބަލާއިރު، އެ ކުށުގައި ޝާމިލުވާ ފަރާތްތަކުގެ ކިބައިން މުޖުތަމައުއަށް ނުރައްކާ ކުރިމަތިކުރުވާފަދަ މައްސަލަތަކެއް ކަމަށާއި، މި ހަމަލާ ދިނުމުގައި 5 މީހުން ބައިވެރިވާ ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު