މާފަންނު މަދަރުސާގެ ކުރިއެރުމަށް ސަރުކާރަށް ކޮށްދެވޭނެ ހުރިހާކަމެއްގައި ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާގައެވެ.
ރައީސް ވިދާޅުވީ މާފަންނު މަދަރުސާއަކީ ޖީލެއް ބިނާކުރުމަށް ނުހަނު އަގުހުރި މަސައްކަތެއް ކުރި ސްކޫލެއް ކަމަށާއި، އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުގައި ވެސް އެކި މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ.
މާފަންނު މަދަރުސާއަކީ ގައުމު ފަހުރުވެރިވާ ފަދަ ދަރިވަރުންތަކެއް އުފައްދާފައިވާ، އަދި އުފައްދަމުން ދާ ސްކޫލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެންމެ ފުރަތަމަ ވެސް ދެއްވި ޔަގީންކަމަކީ ސްކޫލަށް ފަސޭހައިން ވަދެވޭ ގޮތަށް ގްރައުންޑް ފްލޯގައި ހޯލެއް އަޅައިދެއްވާނެ ކަމަށެވެ. ދަރިވަރުން އެދިފައި ވަނީ އެ ކުދިންގެ އާއިލާއަށް ފަސޭހައިން ވަދެވޭނެ ގޮތަށް ސްކޫލުގެ ހޯލުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކޮމިއުނިޓީ ސްކޫލުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮމިއުނިޓީ ކޮންސެޕްޓުގައި ސްކޫލުތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.
އަދި މި ކޮންސްޕްޓަށް ވެސް ސަރުކާރުން އެއްބާރުލުން ދީ، ކޮންސެޕްޓުގައި ސްކޫލު ހިންގުމަށް އެއްވެސް ދަތިތަކެއް ދިމާވާނަމަ އެކަމެއް ހައްލު ކުރައްވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެއްބާރުލުން ދިނުމާއިއެކީ، އެމަނިކުފާނު ޔަގީން ކުރަނީ މިދިޔަ ދުވަސްތަކަށްވުރެ މާބޮޑަށްވެސް އުފާވެރި ގޮތެއްގައި މާފަންނު މަދަރުސާގެ ކަންކަން ބައްޓަންވެގެން ދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން