އާދިއްތަ, November 1
މީހަކު ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތް: ފުލުހުން

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު އެރަށު މާރަނގަ، ޒަކިއްޔާ މޫސާ، މަރާލި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު، ބޮލަށް ޒަހަމްތަކެއް ލިބި ކަރުގައި ތޫނު އެއްޗަކުން އަޅައި، ލިބުނު ޒަހަމްތަކުން ނޭވާ ހޮޅި ވެސް ވަނީ ބުރިވެފަ އެވެ.

އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނުއިރު، އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެރަށުގައި ދެ ފަހަރެއްގެ މަތިން ހަރަކާތްތެރިވެފައި ވެއެވެ. ޒަކިއްޔާގެ މަރާ ގުޅިގެން ރަށު ތެރޭގައި ވަރަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އޭނާއަށް އިންސާފު ހޯދައިދޭން އެދި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

މި މަރާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ސާމިހު ވިދާޅުވިއެވެ.

އަދިވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި ބައެއް ކަންތައްތައް ނިންމުމަށް ވަގުތު ނަގާނެ ކަމަށް ސާމިހު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު