ހދ.އަތޮޅު ކައުންސިލުގެ މެންބަރުންނާއި، މުވައްޒަފުންތަކެއް ތަޖުރިބާ ހޯދުމަށް ތައިލެންޑްގެ ބެންކޮކް ސިޓީއަށް ކުރެއްވި ދަތުރަށް ނުވަލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއިރު، އެ ދަތުރުގެ ސަބަބުން ކައުންސިލުތަކަށް ވީ މަންފާއެއް ނެތް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ހދ.އަތޮޅު ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ކައުންސިލު އިދާރާއިން 952,885 ރުފިޔާ ޚަރަދުކޮށްގެން، ކައުންސިލު އިދާރާގެ 14 މެންބަރުންގެ ތެރެއިން 13 މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލްއާއި، ސީނިއަރ މެނޭޖްމަންޓްގެ 6 މުވައްޒަފުން ހިމެނޭހެން ޖުމްލަ 20 މުވައްޒަފުން 10 ދުވަހުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމަށް ދަތުރެއް ކޮށްފައިވާ ކަމަށެވެ.
ތަޖުރިބާއާއި ތަމްރީނު ދަތުރަށް ކޮށްފައިވާ ޚަރަދުގެ ތަފުސީލު:
- ތައިލެންޑް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ފީ އަދި ކެއުމުގެ ޚަރަދު: 535,213 ރ.
- 20 ބައިވެރިންގެ ދަތުރުގެ ޚަރަދު (ދެ ދުވަހަށް) : 133,229 ރ.
- 20 ބައިވެރިންގެ ޕޮކެޓް މަނީ : 46,260 ރ.
- 20 ބައިވެރިންގެ ދަތުރުގެ ޚަރަދު (މާލެ) 2 ދުވަސް : 28,000 ރ.
- ޑޮމެސްޓިކް ޓިކެޓް ޚަރަދު : 72,020 ރ.
- އިންޓަނޭޝަނަލް ޓިކެޓުގެ ޚަރަދު : 138,163 ރ.
- ޖުމްލަ : 952,885 ރ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި ދަތުރުން ހާސިލުކުރަން ބޭނުންވާ ކަންކަމާއި، މި ދަތުރުން ލިބޭ ތަޖުރިބާ ކައުންސިލުތަކުގައި ބޭނުންކުރާނެ ގޮތެއް ދަތުރުގެ ކުރިން ކަނޑައަޅާފައި ނުވުމުން މި ދަތުރުން ހާސިލުކުރަން ކުރިން ރާވާފައިވަނީ ކޮންކޮން ކަންތައްތަކެއްކަން ސާފުކޮށް އެނގެން ނެތް ކަމަށެވެ. އަދި މި ދަތުރު ނިމި އަހަރެއްވީއިރު ވެސް ހދ.އަތޮޅުގެ އެއްވެސް ރަށެއްގައި މި ދަތުރުން ހޯދުނު ތަޖުރިބާއާއި ފަންނީ ކުރިއެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫއުއެއް ފަށާފައިނުވުމުން މި ދަތުރުން އެކަށީގެންވާ މަންފާއެއް ކައުންސިލު އިދާރާތަކަށް ލިބިފައިނުވާ ކަމަށެވެ.
މި ދަތުރަށް ހިނގާނޭ ޚަރަދުގެ ފައިސާ ލިބޭނެ އެހެން ގޮތްތަކެއް ނުބަލައި މިހާ ބޮޑު އަދަދެއް އެއްފަހަރު ކުރާ ކަމަކަށް ޚަރަދުކޮށްފައިވުމުން، ރަށްރަށުގެ އިޖުތިމާއީ ތަރައްގީގެ ކަންކަން ކުރުމަށް ބޭނުންކުރެވޭ ފައިސާ ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތަކަށް ބޭނުންކޮށްފައި ނުވުމާއި، މިދިޔަ އަހަރު ނެރެފައިވާ މާލިއްޔަތާބެހޭ ސަރކިއުލާގައި ދަތުރު ޚަރަދާއި ތަމްރީނުކުރުމަށް ކުރެވޭ ޚަރަދުތަކާ ގުޅިގެން އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތަށް ކައުންސިލުގެ އިދާރާއިން އަމަލުކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން