ރައްޔިތުންގެ މަޖިލީހުގެ އެންމެ އިސް ތިން މަގާމުގައިި ތިއްބެވި ބޭފުޅުން އެ މަގާމުތަކަށް އަލުން އައްޔަންކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުން އަލަށް އެކުލަވައިލާ ކޮންމެ މަޖިލީހެއް އިންތިޚާބުވެ، މަަސައްކަތް ފެށުމަށްފަހު މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު މަޖިލީހުގެ އަމީންއާންމާއި، ކައުންސެލަރ ޖެނެރަލްއާއި، ސާޖަންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅުން އައްޔަންކުރަންވާނެއެވެ.
ގަވާއިދުގައިވާ ގޮތުން އެ ތިން މަގާމަށް ބޭފުޅުން އައްޔަންކުރުމަށް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލަންވާނެއެވެ. އަދި އެއިން ކޮންމެ މަގާމަކަށް އައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާ ބޭފުޅުންނެވެ.
އަމީންއާންމުގެ މަގާމުގައި މިހާރު ހުންނެވީ ފާޠިމަތު ނިއުޝާއެވެ. ކައުންސެލަރ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ފާޠިމަތު ފިލްޒާއެވެ. އަދި ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ ޠަލްހަތު ޙަސަންއެވެ.
އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރަން ނިންމީ 19 ވަނަ މަޖިލީހުގައި ވެސް އަމަލުކޮށްފައިވާ ފަަދައިންނެވެ.
އެގޮތުން މިދިޔަ މަހުގެ 25 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އަމީންއާންމުގެ މަގާމަށް ނިއުޝާ އަލުން އައްޔަންކުރަން ފާސްވީ 79 މެންބަރުންގެ ވޯޓުންނެވެ. އަދި ކައުންސެލަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ފިލްޒާ އަލުން އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް 80 މެންބަރުން ވޯޓު ދެއްވިއިރު، ސާޖަންޓް އެޓް އާމްސްގެ މަގާމަށް ޠަލްހަތު އައްޔަންކުރަން ފެންނަ ކަމަށް ވެސް 80 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން ވެސް އަހުދުގެ ލިޔުމުގައި ސޮއިކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން