މޫސުން ގޯސްވުމުގެ ސަބަބުން ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އަނެއްކާވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ހުދު ސަމާލު ނެެރެފައިވަނީ މުޅި ރާއްޖެއަށް، މިއަދު ފަތިހު 4:30 އިން ފެށިގެން ހެނދުނު 10:15 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ ގަޑިއަކު 19 މޭލާ 24 މޭލަށް ވައި ގަދަވާނެކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށާއި އަދި ވައި ގަދަވާ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ބުނެފައި ވެއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ނިކުތުމުގެ ކުރިން، ދުރާލާ މޫސުން އޮތްގޮތް ބެލުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާއި، ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން 27 ނޮވެންބަރު ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ކުރިން މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން